އއ. ބޮޑުފުޅަދޫގައި އެއް މަހުގެ ތުއްތު ކުއްޖަކަށް ގާތުން ކިރު ދެނިކޮށް އެ ކުއްޖާ މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ހާދިސާ ހިނގީ އެއް މަހާއި ފަސް ދުވަހުގެ ކުއްޖަކަށް ގާތުން ދިނުމަށް އެ ކުއްޖާގެ މަންމަ އޮށޯވެގެން އޮއްވާ ނިދުނު ވަގުތުގަ އެވެ. މަންމަ އަށް ހޭލެވުނު އިރު ކުއްޖާ އޮތީ ހޮޑުލެވި ނޭވާ ހުއްޓިފަ އެވެ. އަދި އެ ކުއްޖާގެ ނޭފަތުން ލޭ ވެސް އައިސްފައި ހުއްޓެވެ.

އެކަމާ ގުޅޭ ގޮތުން ބޮޑުފުޅަދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އާއިލާ އިން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެ ކުއްޖާ އޮތީ މަރުވެފައި ކަމަށެވެ.

ޑޮކްޓަރުން ލަފާ ކުރަނީ އެ ކުއްޖާ މަރުވީ ފުއްޕާމެއަށް ކިރު އެޅިގެން ނޭވާ ނުލެވިގެން ކަމަށް ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވި އެވެ.