އއ. ބޮޑުފޮޅުދޫ ސްކޫލުގެ ގޯތިތެރޭގައި އޮންނަ ހުސް ބިމަކީ އަބަދުވެސް އެ ސްކޫލުގެ ދަރިވަރުން ގަސް ހައްދަން ބޭނުންކުރި ތަނެކެވެ. ހާއްސަކޮށް ރޯދަ މަހަށް އެ ތަނުގައި ކޮންމެވެސް ބާވަތެއްގެ މޭވާއެއް ނުވަތަ ތަރުކާރީއެއް އިންދަ އެވެ. އެކަމަކު، އެ ބިން ސްކޫލުގެ އާ އިމާރާތެއް އެޅުމަށް ނެގުމުން ދެން އެކަން ކުރާނެ ގޮތަކާ މެދު ޖެހުނީ ވިސްނާށެވެ.

އެ ސްކޫލުގެ ލީޑިންގް ޓީޗަރު، ހަސަން މޫސާއަށް ވިސްނުނީ ސްކޫލްގެ ބިން ގެއްލުނަސް ގަސް ހެއްދުން ހުއްޓާނުލާށެވެ.

މި ވިސްނުމުގައި މީގެ ދެ މަހެއްހާ ދުވަސް ކުރިން ސްކޫލްގެ އިންފާރު ވަށައިގެން ތަފާތު މޭވާ އާއި ތަރުކާރީގެ އިތުރުން ފަތްޕިލާވެލީގެ ބާވަތްތައް ވެސް ހައްދަންފެށި އެވެ. އޭގެ ތެރޭގައި މިރުހާއި ކިއުކަމްބާ ހިމެނެ އެވެ.

ދަރިވަރުން ކޮޕީ ފަތް ގަސް އިންދުމަށް ވަޅު ކޮންނަނީ. -- ފޮޓޯ: ބޮޑުފޮޅަދޫ ސްކޫލު
ދަރިވަރުން ކޮޕީ ފަތް ގަސް އިންދުމަށް ވަޅު ކޮންނަނީ. -- ފޮޓޯ: ބޮޑުފޮޅަދޫ ސްކޫލު

އެހެން އަހަރުތަކުގައި ރޯދައަށް ކަރާ ހެއްދިޔަސް މިފަހަރު ޖާގަ ނެތުމުން ދަރިވަރުން އިންދީ ކޮޕީ ފަތާއި ލެޓިއުސް އެވެ. މިހާރު ހުރީ 150 ކޮޕީ ގަހާއި 200 ލެޓިއުސް ގަސް ހެދިފަ އެވެ.

ސްކޫލުގައި ހައްދާ ތަކެތި ރަަށުގެ އިތުރުން މާލެ ގެނެސްގެން ވެސް ވިއްކަ އެވެ. އެއިން ލިބޭ ފައިސާއިން ދަރިވަރުންގެ އިތުރު ހަރަކާތްތަކަށް، ހާއްސަކޮށް ތިމާވެށި ކްލަބުގެ ހަރަކާތްތަކަށް ބޭނުންކުރާ ކަމަށް ހަސަން ވިދާޅުވި އެވެ.

ސްކޫލު ދަރިވަރުން ހެއްދި ގަސްތަކަށް ފެންދެނީ-- ފޮޓޯ: ބޮޑުފޮޅުދޫ ސްކޫލު
ސްކޫލު ދަރިވަރުން ހެއްދި ގަސްތަކަށް ފެންދެނީ-- ފޮޓޯ: ބޮޑުފޮޅުދޫ ސްކޫލު

ގްރޭޑް 1-10 އަށް ކިޔަވައިދެމުން އަންނަ އެ ސްކޫލުގައި 200 އަށްވުރެ ގިނަ ކުދިން އުޅެ އެވެ. ގްރޭޑް ފަހަކުން މަތީގެ ދަރިވަރުން ބައިވެރިވާ ދަނޑު ހެއްދުން ކުރިއަށް ގެންދަނީ އެކި ކްލާސްތަކަށް ބަހާލައިގެން ލިބޭ ހުސް ގަޑިތަކާއި ލައިފް ސްކިލް ގަޑީގަ އެވެ.

"ގަސްތަކަށް ފެންދިނުމުގެ މަސައްކަަތްކުރާނީ ކުދިންގެ މެދުގައި ބަހާލައިގެން. ބައެއް ކުދިން އުޅޭނެ ހަވީރު ކުޅެންދާ ކުދިން ވެސް. ސްކޫލުގެ ސެޝަން ނިންމާލައިފައި އެ ލިބޭ ވަގުތު އެކަނި ކުދިންނަށް މި އުޅެވެނީ މިކަމުގައި،" އޭނާ ވިދާޅުވި އެވެ.

ސްކޫލު ދަރިވަރުން ގަސް ހެއްދުމުގައި-- ފޮޓޯ: ބޮޑުފޮޅަދޫ ސްކޫލު
ސްކޫލު ދަރިވަރުން ގަސް ހެއްދުމުގައި-- ފޮޓޯ: ބޮޑުފޮޅަދޫ ސްކޫލު

"ދަނޑު ހެއްދުމަކީ ހުރިހާ ކުދިން ވެސް ވަރަށް ކުރާހިތުން ކުރާ ކަމެއް. ކިރިޔާ ހުސް ވަގުތެއް ލިބޭއިރަށް އަންނާނެ ބަލަން. ޓީޗަރަކު ސްކޫލަށް ނާންނަ ނަމަ ލިބޭ ހުސް ގަޑިތަކުގައި ވެސް ކުދިން އުޅޭނެ އެ ތަނުގައި."

ބޮޑުފޮޅަދޫ ދަރިވަރުން ހެއްދި ކޮޕީ އާއި ލެޓިއުސް ގަސްތައް. -- ފޮޓޯ: ބޮޑުފޮޅުދޫ ސްކޫލް
ބޮޑުފޮޅަދޫ ދަރިވަރުން ހެއްދި ކޮޕީ އާއި ލެޓިއުސް ގަސްތައް. -- ފޮޓޯ: ބޮޑުފޮޅުދޫ ސްކޫލް

ހަސަން ވިދާޅުވީ މިފަދަ މަސައްކަތެއް ކުދިންލައްވާ ކުރުމުގެ ބޭނުމަކީ އެ ކުދިންނަށް ދަނޑުވެރިކަމާ ގުޅުން ހުރި މައުލޫމާތު ފޯރުކޮށް ދިނުން ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ކުދިންގެ މުސްތަގްބަލަށް ވެސް ފައިދާ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކަމުގައި ދަރިވަރުންނަށް ބައެއް ފަރާތްތަކުގެ އެހީތެރިކަން ވެސް ލިބެ އެވެ. ދަރިވަރުން ހައްދާ ގަސްތަކަށް ބޭނުންވާ ކާނާ ބައެއް ފަހަރަށް އެ ރަށުގެ ގެސްޓްހައުސްތަކުން ހަދިޔާކުރެ އެވެ. ބައެއްފަހަރު ހަސަން އަމިއްލައަށް ވެސް ކާނާ ގަނެ އެވެ. ގަސް ހައްދަން މި އަހަރު ޕޮޓް ހަދިޔާކުރީ ލޮޓަސް ފިހާރައިންނެވެ.