އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާން ޕްރޮޑިއުސްކުރި ފުރަތަމަ ފިލްމު "99 ސޯންގްސް" މިއަދު ނެޓްފްލިކްސް އިން ޕްރީމިއާކުރާ ގޮތަށް ނިންމައިފި އެވެ.
ފިލްމުގެ ސްޓްރީމްކުރާކަން ރަހްމާން ކުރި ޓްވީޓެއްގައި ވެސް ބުންޏެވެ. "99 ސޯންގްސް" އަކީ މިދިޔަ މަހުގެ 16 ގައި ބައެއް ސިނަމާތަކުގައި ވެސް ރިލީޒްކުރި މިއުޒިކަލް ރޮމޭންސް ފިލްމެކެވެ. ފިލްމުގެ ލީޑް ރޯލު ކުޅުނީ އަލަށް ތައާރަފުކުރި އެހާން ބަޓާއި އެޑިލްސީ ވަރްގަސް އެވެ.
ވިޝްވޭޝް ކްރިޝްނަމުރުތީ ޑައިރެކްޓްކުރި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަދިތިޔާ ސީލް، މަނީޝާ ކޮއިރަލާ، ލީސާ ރޭ، ވަރީނާ ހުސައިން އަދި ރާހުލް ރާމް ހިމެނެ އެވެ.
ދެހާސް އަށެއްގެ "ސްލަމްޑޯގް މިލިއަނާ" ގެ މިއުޒިކް ހަދައިގެން އޮސްކާ އެވޯޑް ވެސް ހޯދާފައިވާ ރަހްމާންގެ "99 ސޯންގްސް" އަކީ އޭނާ ހަމައެކަނި ޕްރޮޑިއުސްކުރި ފިލްމެއް ނޫނެވެ. މީގެ ވާހަކައިގައި ހިއްސާވުމުގެ އިތުރުން ފިލްމުގެ މިއުޒިކް ވެސް ހެދީ ރަހުމާނެވެ.
"99 ސޯންގްސް" މިއަދު ނެޓްފްލިކްސް ގެނެސްދޭނީ ހިންދީ ބަހުގެ އިތުރުން ތެލެގޫ އަދި ތަމަޅަ ބަހުންނެވެ. ފިލްމު ސިނަމާތަކުގައި ވެސް އެޅުވީ ތިން އެ ބަހުން ޑަބްކޮށްގެންނެވެ.
މަސައްކަތް ފެށިތާ ގިނަ ދުވަސްތަކެއް ފަހުން ރިލީޒްކުރި މި ފިލްމަކީ 2019 ގައި ދެކުނު ކޮރެއާގައި ބޭއްވި 24 ވަނަ ބުސާން ފިލްމު ފެސްޓިވަލްގައި ވެސް ޕްރީމިއާކުރި ފިލްމެކެވެ.