ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 6) - ކުއާލަ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ސްރީ ލަންކާގެ ސަފީރަށް ހަމަލާ ދީގެން ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މެލޭޝިއާ ފުލުހުން ބުނީ ލަންކާ ސަފީރު އިބްރާހިމް ސާހިބު އަންސާރަށް އާދިއްތަ ދުވަހު ދިން ހަމަލާތަކުގައި އޭނާ އަށް ކޮންމެވެސް ވަރެއްގެ އަނިތާކެއް ލިބުނު ކަމަށެވެ. ނަމަވެސް ހަމަލާ ދިން މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އާއްމުކޮށްފައެއް ނުވެ އެވެ.

"ސަފީރަށް ހަމަލާދީގެން ފަސް މީހުން ވަނީ ހައްޔަރުކޮށްފި. އެ މީހުން ހަމަލާދިނީ ކީއްވެތޯ މިދަނީ ބަލަމުން،" ސެލަންގޯ ސްޓޭޓުގެ ފުލުހުންގެ ވެރިޔާ އަބްދުލް ސަމާހު މާތު ވިދާޅުވި އެވެ.

ސަފީރަށް ދިން ހަމަލާއާ ގުޅިގެން ކޮލަމްބޯގައި ހުންނަ މެލޭޝިއާ ސަފީރު ވާން ޒައިދީ ވާން އަބްދުﷲ ވަނީ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށް ކުއާލަ ލަމްޕޫރުގައި ހުންނަ ކޮލަމްބޯގެ ޑިޕްލޮމެޓިކް މިޝަނަށް އިތުރަށް ސެކިއުރިޓީ ބޭނުންވާ ކަމަށް އޭނާ އަށް ދަންނަވައިފަ އެވެ. އަދި އިންޒާރުތައް ލިބެމުން ދިޔަ ނަމަވެސް ސަފީރުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި ނުވާތީ ހިތާމަކުރާ ކަމަށް ވެސް މެލޭޝިއާ ސަފީރަށް ލަންކާގެ ފޮރިން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

މެލޭޝިއާގައި އޮތް ބައިނަލްއަގުވާމީ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ މިދިޔަ ހަފުތާގައި ކުއާލަ ލަމްޕޫރަށް ވަޑައިގަތުމުން އިންޑިއާ ދަރިކޮޅުގެ ސަތޭކައެއްހާ މީހުން ވަނީ އެއާޕޯޓަށް އެއްވެ މުޒާހަރާކޮށްފަ އެވެ. ރާޖަޕަކްސާގެ ވެރިކަމުގައި ވަނީ ތަމަޅަ ހަނގުރާމަވެރިން 2009 ވަނަ އަހަރު ބަލިކޮށް ލަންކާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސްފަ އެވެ.