މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުއަލަޕަމްޕޫރުގައި ބަހައްޓާފައިވާ ވޯޓުފޮށްޓަށް ވޯޓު ލާން ދާ މީހުންނަށް މެލޭޝިއާ އެމްބަސީން ކެއުން ހަމަޖައްސައިދީފި އެވެ.

މެލޭޝިއާގައި ބެހެއްޓި ވޯޓުފޮށި ކައިރީގައި ހަރަކާތްތެރިވަމުން އަންނަ "ދަ އެޑިޝަން"ގެ ނޫސްވެރިޔާ ބުނީ ކެއުން ދެމުން އަންނަނީ "ފްރީ މީލް" ވައުޗާއެއްގެ ގޮތުގައި ކަމަށެވެ. "ދަ އެޑިޝަން" އަކީ "މިހާރު" މެނޭޖުމަންޓުން ހިންގާ ނޫހެކެވެ.

ވައުޗާގައިވާ ގޮތުން އޭގެ މުއްދަތަކީ މިއަދުގެ ނިޔަލަށެވެ.

އޭނާ ބުނީ، ވޯޓު ފޮށި ކައިރިއަށް އަންނަ ވޯޓު ލާ މީހުންނާއި ނުލާ މީހުންނަށް ވެސް ކެއުން ހަމަޖައްސައިދެމުން އަންނަ ކަމަށެވެ.

"ވޯޓު ލިޔަސް ނުލިޔަސް ލިބޭނެޔޭ ބުނީ، ކައިގެންނޭ ތިބެން ވާނީ،" އޭނާ ބުންޏެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލާ ކިޔޫ ނަންބަރެއް މީހަކު ދައްކާލަނީ: ފްރީމީލް ވައުޗަރު ކިއު ނަންބަރަށް އެއް ކުރެވިފައި --
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލާ ކިޔޫ ނަންބަރެއް މީހަކު ދައްކާލަނީ: ފްރީމީލް ވައުޗަރު ކިއު ނަންބަރަށް އެއް ކުރެވިފައި --

މިދިޔަ އަހަރު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ވޯޓު ލުން ކުރިއަށް ދިޔައިރު ވެސް، އެމްބަސީން މީލް ވައުޗާ ހަމަޖައްސައިދީފައިވާ ކަމަށް އެ ތަނަށް ވޯޓުލާން ގޮސް ތިބި ބައެއް މީހުންނާ ހަވާލާދީ އޭނާ ބުންޏެވެ.

މެލޭޝިއާގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލުމަށް 708 މީހުން ރެޖިސްޓާ ވެފައިވެ އެވެ. އޭގެ ތެރޭގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ އިތުރުން ކައިރިން ގައުމުތައް ކަމަށްވާ ސިންގަޕޫރާއި ފިލިޕިންސްގައި ދިރިއުޅޭ ކިޔަވާދަރިވަރުންނާއި ދިވެހިން ހިމެނެ އެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހަދާފައިވާ ވޯޓުލާ މަރުކަޒަށް ވޯޓު ލީ ބައެއް ދިވެހިން --
މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހަދާފައިވާ ވޯޓުލާ މަރުކަޒަށް ވޯޓު ލީ ބައެއް ދިވެހިން --

މިއަދުގެ އިންތިހާބުގައި ޖުމްލަ 602 ފޮށި ބެހެއްޓިއިރު، ރާއްޖެއިން ބޭރުގައި ބަހައްޓާފައި ވަނީ ތިން ފޮއްޓެވެ. އެއީ މެލޭޝިއާ ފޮށީގެ އިތުރުން އިންޑިއާގައި ބެހެއްޓި ފޮއްޓާއި ލަންކާގައި ބެހެއްޓި ފޮއްޓެވެ.