އެންމެ ފަހުގެ ޗެމްޕިއަން ކްލަބް އީގަލްސް އާ ދެކޮޅަށް ކުޅެ 3-2 ގޭމުން ފައިނަލް މެޗް ކާމިޔާބުކޮށް، މި އަހަރުގެ ގައުމީ ބިލިއާޑް މުބާތާރުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) ހޯދައިފި އެވެ.
"ލިޓަސް ގައުމީ ބިލިއާޑް މުބާރާތް 2022" ގެ ފައިނަލް ގައި އީގަލްސް އާއި ޑީއެސްސީ ވެސް ވަނީ ސިންގަލްސް ދެ ގޭމުގެ ތެރެއިން އެއް ގޭމު ގެންގޮސްފަ އެވެ. ޑީއެސްސީގެ ވަލަރިއާނޯ ޕަޖު 9-2 ފްރޭމުން އީގަލްސްގެ މުހައްމަދު ސާހިލް ހަމީދު ބަލިކުރި އިރު، ޑީއެސްސީގެ އަހުމަދު ޝިހާދުގެ މައްޗަށް އީގަލްސްގެ މިގުއެލް ސެލްވިލާ ކުރި ހޯދީ ވެސް 9-2 ފްރޭމުންނެވެ.
ހުކުރު ދުވަހުގެ ރޭ ވާދަވެރި ކޮށް ދިޔަ ފައިނަލް ގައި، ޑަބަލްސްގެ ފުރަތަމަ ގޭމް ގައި އީގަލްސްގެ އިސްމާއިލް ސުވެއިދާއި އަހުމަދު އަފްރާހް އިސްމާއިލާ ދެކޮޅަށް ކުޅެ 9-7 ފްރޭމުން ކާމިޔާބު ކުރީ ޑީއެސްސީގެ ހުސެއިން ފަޔާޒް އާއި ހަސަން ޝަފްރާޒްގެ ޕެއާ އެވެ.
އެއަށް ފަހު ކުޅުނު ޑަބަލްސް ކެޓެގަރީގެ ދެ ހޭމުގެ ތެރެއިން، އީގަލްސް އަށް ކާމިޔާބު ވީ އެންމެ ގޭމެކެވެ. އަބްދުﷲ އަފީފް އާއި ދުންޔާޒް މުހައްމަދާ ދެކޮޅަށް ކުޅެ 9-4 ފްރޭމުން ގޭމް ގެންދިޔައީ އީގަލްސްގެ އަހުސަން ހާޝިމް އާއި އައްބާސް ސައީދު ގެ ޕެއާ އެވެ. ފަހު ގޭމް ގައި އީގަލްސްގެ ހަސަން ޝާޒް މުހައްމަދާއި އިބްރާހިމް އާފީ ބަލިވީ، ޑީއެސްސީގެ މުހައްމަދު ޝަރީފް އާއި އަލީ ޝާވިންއާ ވާދަކޮށް 9-5 ފްރޭމުންނެވެ.
ޑީއެސްސީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ވެސް ސެމީ ފައިނަލް މެޗުގައި 3-2 ގޭމުން އީގަލްސް ބަލި ކޮށްފަ އެވެ. އެ މެޗުން ބަލިވުމުން އީގަލްސް ވަނީ ފައިނަލުގެ ދެވަނަ ޖާގަ ޔަގީން ކުރަން، މިދިޔަ އަހަރުގެ ރަނަރަޕް ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ބަލި ކޮށްފަ އެވެ.
ޓީމް އިވެންޓްގައި ލީގު އުސޫލުން ކުރިއަށް ގެންދިޔަ ފުރަތަމަ ބުރުގައި އީގަލްސް އިން 3-2 ގޭމުން ޑީއެސްސީ ބަލި ކުރި އެވެ. ނަމަވެސް ލީގު ބުރުގެ ފުރަތަމަ މެޗުގައި އީގަލްސް ވަނީ މި ނަތީޖާއިން ކަސްޓަމްސް އަތުން ބަލި ވެފަ އެވެ.
މިދިޔަ އަހަރު ބާއްވަން ފެށި ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް ގައި މި އަހަރު ވެސް ހަ އިވެންޓެއް ކުރިއަށް ދިޔަ އެވެ. އެންމެ ފަހު އިވެންޓަކަށް ބޭއްވީ ފަސް ޓީމާ އެކު ކުރިއަށް ދިޔަ ޓީމް އިވެންޓެވެ. މި މަހުގެ ތިން ވަނަ ދުވަހު ފެށި ގައުމީ މުބާރާތުގައި ފިރިހެން ދެ ވަނަ ޑިވިޝަނާއި އައްވަނަ ޑިވިޝަންގެ އިތުރުން، އަންހެން ޑިވިޝަނަކާއި، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ގައުމީ މުބާރާތުގައި ވަނަތައް ހޯދި ފަރާތްތަކަށް އިނާމް ހަވާލް ކުރީ ވެސް ޓީމް އިވެންޓަށް ފަހު ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ބައިވެރިވެ ވަޑައިގެންނެވި އެވެ.
"ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ ވަނަތައް
● ފިރިހެން ސިންގަލްސް (އެއްވަނަ ޑިވިޝަން)
- ޗެމްޕިއަން: މުހައްމަދު ސާހިލް ހަމީދު
- ދެވަނަ: ހަސަން ޝާޒް މުހައްމަދު
- ތިންވަނަ: މުހައްމަދު ސާހިލް ހަމީދު
● ފިރިހެން ސިންގަލްސް (ދެވަނަ ޑިވިޝަން)
- ޗެމްޕިއަން: އިސްމާއިލް ޝިޔާމް
- ދެވަނަ: ހަސަން ރާޖޭޝް މޫސާ
- ތިންވަނަ: މުހައްމަދު އައްފާން ޔޫސުފް
● އަންހެން ސިންގަލްސް:
- ޗެމްޕިއަން: އާއިޝަތު އަލީ
- ދެވަނަ: އާމިނަތު ހަލީމް
- ތިންވަނަ: އާމިނަތު އަޒްރާ
● ޑަބަލްސް:
- ޗެމްޕިއަން: ހަސަން ޝާޒް މުހައްމަދު / އަހުމަދު އިޔާދު ސައީދު
- ދެވަނަ: ހަސަން ޝަފްރާޒް / އިސްމާއިލް ރަޒީން
- ތިންވަނަ: ހުސެއިން ފަޔާޒް / ޝަޒީން އަބްދުއްސަމަދު
● މިކްސްޑް ޑަބަލްސް:
- ޗެމްޕިއަން: އަލީ ފަޔާޒް / ދީނާ އަހުމަދު
- ދެވަނަ: ހުސެއިން ފަޔާޒް / އާމިނަތު ފާތީ
- ތިންވަނަ: ހަސަން ޝާޒް މުހައްމަދު / އާމިނަތު އަޒްރާ
● ޓީމް އިވެންޓް:
- ޗެމްޕިއަން: ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)
- ދެވަނަ: ކްލަބް އީގަލްސް
- ތިންވަނަ: ކަސްޓަމްސް ރެކްރިއޭޝަން ކްލަބް