ފާއިތުވެ ދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކުލަގަދަ އަހަރެކެވެ. ޓޫރިޒަމްގެ ދިގު މާޒީ، އަހަރުތަކުން ގުނާއިރު 50 އަހަރު ފުރުނު އަހަރެވެ. މި ކާމިޔާބީ ފާހަގަކުރުމަށް އެކި ފެންވަރުގައި ސަރުކާރާއި، އެކި މުއައްސަސާތަކާއި ޓޫރިޒަމާއި ގުޅުން ހުރި އެކި އިދާރާތަކުން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އޭގެތެރެއިން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ނެރުނު ދެ ފޮތަކީ ފާހަގަކޮށްލެވޭ ދެ ފޮތެވެ.
މަޓީއިން ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ނެރުނު ދެ ފޮތަކީ ދާއިރާގައި ހިދުމަތް ކުރައްވަމުން އަންނަ މައުރޫފް ޖަމީލް ލިޔުއްވާފައިވާ "މޯލްޑިވިއަން ރިޒޯޓް އާކިޓެކްޗާ – 50 އިޔާޒް އޮފް އައިލެންޑް ރިޒޯޓްސް" އާއި ޑރ. ސިމާދް ސައީދް ލިޔުއްވާފައިވާ "50 އިޔާޒް އޮފް ޓޫރިޒަމް: ޕައޮނިއާސް، ޕީޕަލް އެންޑް ޕޮލިސީޒް ދެޓް ޝޭޕްޑް މޯލްޑިވްސް ޓޫރިޒަމް" މި ދެ ފޮތެވެ.
މި ދެ ފޮތަކީ ވެސް ރާއްޖޭގެ ޓޫރިޒަމްގެ ދިގު މާޒީގެ ވާހަކަތަކާއި، އެ ދާއިރާއާ ގުޅުން ހުރި ދިވެހި ތާރީހުގެ ގިނަ ކަންތައްތަކެއް ހިމެނޭ ދެ ފޮތެވެ. މަޓީއިން މި ފަދަ ދެ ފޮތެއް ނެރެފައި ވަނީ ޓޫރިޒަމް ދާއިރާގެ ތާރީހީ ވާހަކަތަކާއި މައުލޫމާތުތައް ހިމެނޭ ގިނަ ފޮތްތަކެއް ނެތުމުން އެ ތާރީހީ ކަންތައްތަކުގެ މައުލޫމާތުތައް ދިރުވުމުގެ ގޮތުންނެވެ.
"މޯލްޑިވިއަން ރިޒޯޓް އާކިޓެކްޗާ – 50 އިޔާޒް އޮފް އައިލެންޑް ރިޒޯޓްސް" ފޮތް ލިޔުއްވި މައުރޫފް ޖަމީލް ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ދާއިރާއާ ގުޅޭ ފޮތްތައް މަދުކަމަށާއި ހާއްސަކޮށް ޓޫރިޒަމް އާކިޓެކްޗާއާ ގުޅޭ ފޮތެއް ހޯދުމަކީ ދަތިކަމެއް ކަމަށެވެ. މައުރޫފް ލިޔުއްވި ފޮތުގައި އާއްމުކޮށް ދިވެހިންނަށް ޓޫރިޒަމް އާކިޓެކްޗާއާ ބެހޭގޮތުން ނޭނގޭ ގިނަ މައުލޫމާތުތަކެއް ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވި ގޮތުގައި ރާއްޖޭގައި އެތައް ސަތޭކަ ރިސޯޓުތަކެއް ހުރި އިރު، މި ފޮތަށް އެންމެ 50 ރިސޯޓް ހޮވުންވީ ދަތި ކަމަކަށެވެ.
"ހުރިހާ ރިސޯޓެއްގެ މައުލޫމާތުތައް ހިމެނުމަކީ ދަތި ކަމެއް. އަޅުގަނޑު މި ފޮތުގައި ހިމެނި ރިސޯޓުތައް ކަނޑައެޅީ ވަކި ކްރައިޓީރިއާތަކަކަށް ބަހާލައިގެން ހޮވާލެވުނު ރިސޯޓްތަކެއް. މި ރިސޯޓްތަކުގެ މައުލޫމާތުތައް ހޯދުމަށް ގިނަ ރިސޯޓުތަކަށް ވާނީ ގޮސްފަ. އެކަމަކު ކޮވިޑްގެ ދުވަސްވަރާ ގުޅިގެން އޮންލައިންކޮށް ބައެއް ރިސޯޓްތަކުގެ މައުލޫމާތުތައް ވެސް ހޯދަން ޖެހުނު." މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ޖަމީލް ލިޔުއްވި "މޯލްޑިވިއަން ރިޒޯޓް އާކިޓެކްޗާ – 50 އިޔާޒް އޮފް އައިލެންޑް ރިޒޯޓްސް" އަކީ ފަސް ޑިކޭޑަކަށް ބަހާލައިގެންނެވެ. ކޮންމެ ޑެކޭޑަކަށް ހާއްސަކޮށް ވަކި ރިސޯޓުތަކެއްގެ އާކިޓެކްޗަރަލް މައުލޫމާތިތައް މި ފޮތުގައި ގެނެސްދީފައި ވާއިރު މި ފޮތަކީ ޓޫރިޒަމްގައި އާކިޓެކްޗަރަލް ދާއިރާއަށް އައި ބަދަލުތައް ވަރަށް ފުރިހަމަ އަށް ކިޔާދޭ ފޮތެކެވެ.
މި ފޮތުގައި ކޮންމެ ދިހަ އަހަރަކުން އައިސްފައިވާ ކޮންސްޓްރަކްޝަނަލް ކުރިއެރުންތަކާއި، ޑިޒައިންކުރުމަށް އައިސްފައިވާ ބަދަލުތަކާއި، އެކި ދުވަސްވަރު ރިސޯޓުތައް ހެދުމުގެ އަމަލީ މަސައްކަތްތަކުގައި އުޅުނު ފަރާތްތަކުގެ މައުލޫމާތުތައް ވެސް ވަނީ ހިމަނާފަ އެވެ.
މި ފޮތުގެ ލިޔުއްވި މައުރޫފް ވިދާޅުވި ގޮތުގައި މި ފޮތުގައި ހިމެނޭ މައުލޫމާތުތަކަކީ ރާއްޖޭގެ ތާރީހުގެ މުހިންމު ބައެކެވެ.
"ރިސޯޓްތަކަކީ އަހަރުމެންގެ ތާރީހުގެ މުހިންމު ބައެއް. މި ފޮތަކީ ހިސްޓްރީ ކިޔާދޭ ފޮތެއް. މި ފޮތުގައި ހިމެނޭނެ ރިސޯޓްތަކުގެ ކަލްޗަރަލް އަދި ސްޓްރަކްޗަލް ހިސްޓްރީ. ޓޫރިޒަމް ރާއްޖެއަށް ތައާރަފްވެ، އަހަރުމެންނަށް ކުރިން މާ މުހިންމު ނުވި ގޮނޑުދޮއްތަކާއި މޫދުތައް މުހިންމުވެ، އެ ތަންތަނާއި މެދު ދެކެމުން އައި ގޮތް ބަދަލުވެ އެ އައި ޕެރަޑައިމް ޝިފްޓު ވެސް މި ފޮތުން ފެންނާނެ. ޓޫރިޒަމް އާއި އެކު ދިވެހިންގެ ވިސްނުމަށް އައި ބަދަލާ އެކު އިންފްރާޗްޓްރަކްޗާތަކަށް އައި ބަދަލުތައް މި ފޮތުން ފެންނާނެ." އޭނާ ވިދާޅުވި އެވެ.
މަޓީއިން ދެ ވަނަ އަށް ނެރުނު "50 އިޔާޒް އޮފް ޓޫރިޒަމް: ޕައޮނިއާސް، ޕީޕަލް އެންޑް ޕޮލިސީޒް ދެޓް ޝޭޕްޑް މޯލްޑިވްސް ޓޫރިޒަމް" މި ފޮތަކީ ޓޫރިޒަމް ދައިރާގެ އޯވަރޯލް ހިސްޓްރީ ހިމެނޭ ފޮތެކެވެ. ފޮޓޮއިން ގިނަ ވާހަކަތަކެއް ގެނެސްދީފައިވާ މި ފޮތުގައި ޓޫރިޒަމްގެ ފެށުމާއި، އެ މަސައްކަތުގައި އިސްކޮށް އުޅުއްވި ބޭބޭފުޅުންނާއި އެ ބޭފުޅުންގެ ވާހަކަތަކައި ތަޖުރިބާތައް އަދި ޓޫރިޒަމާއި ގުޅިގެން ރާއްޖެއަށް އައި އިންގިލާބީ ބޮޑެތި ގިނަ ބަދަލުތަކުގެ ވާހަކަތައް ވަނީ ހިމަނާފަ އެވެ.
މި ފޮތުގައި ޓޫރިޒަމް އާއި ބެހޭ ގޮތުން އާއްމު ކޮށް އަޑު ނީވޭ ގިނަ ވާހަކަތަކަކާއި ދިވެހިންގެ މެދުގައި ނުދައްކާ މުހިންމު ގިނަ ވާހަކަތަކެއް ހިމަނާފަ ވާނެ ކަމަށް ފޮތް ލިޔުއްވި ޑރ. ސިމާދް ސައީދު ވިދާޅުވި އެވެ.
"މި ފޮތުގައި މި އޮތީ ޓޫރިޒަމްގެ މާޒީ. މި ފޮތުގައި ހިމެނޭނެ ރާއްޖެއަށް އެންމެ ފުރަތަމަ އައި ޓޫރިސްޓުންގެ ވާހަކައިން ފެށިގެން، ފުރަތަމަ ރިސޯޓް ހުޅުވުނު ގޮތާއި، ސަރުކާރުން ތިން ރިސޯޓެއް ތަރައްގީކޮށް ހުޅުވަން ޖެހުނު ސަބަބާއި، އެންމެ ފުރަތަމަ ރިސޯޓް ހެއްދެވުމުގައި އުޅުއްވި ބޭފުޅުންނާއި، ހަލުވި ދުވެލީގައި ޓޫރިޒަމް ތަރައްގީވި ގޮތާއި، އިބްރާހިމް ނާސިރުގެ ވެރިކަން ބަދަލުވެ ދެން އައި ވެރިކަމުގައި ޓޫރިޒަމް ޕޮލިސީތަކަށް އައި ބަދަލުތައް ވެސް މި ފޮތުގައި ހިމެނޭނެ." ޑރ. ސިމާދު ވިދާޅުވި އެވެ.
މި ފޮތަކީ ވެސް ފަސް ޑިކޭޑަކަށް ބަހާލައިގެން، އެ ފަސް ޑިކޭޑުގެ ތެރޭގައި ހިނގި ފާހަގަކޮށްލެވޭ ކަންތައްތައް ހިމަނާފައިވާ ފޮތެކެވެ. މި ފޮތުގައި ޓޫރިޒަމް ތައާރަފްވެ ރާއްޖޭގައި އެއާޕޯޓެއް ހުޅުވުމާއި އެ މަޝްރޫއު ހިނގާ ދިޔަ ގޮތާއި، ރާއްޖޭގެ ފުރަތަމަ އެއާ ލައިން "އެއާ މޯލްޑިވްސް" އުފެދުނު ގޮތާއި، ބޭރުގެ ބޮޑެތި އެއާލައިންތަކުގެ ފެށުމާއި، އެ ދަތުރުތައް ހިނގާ ދިޔަ ގޮތް ވެސް ވަނީ ހިމަނާފަ އެވެ. ޓޫރިޒަމް ތަރައްގީވެ ކުރިއަރަމުން ގޮސް ފަހުގެ ތާރީހާ ޖެހުނު އިރު އައިސްފައި ހުރި ބަދަލުތަކާއި، ގެސްޓް ހައުސް ޓޫރިޒަމާއި ލޯކަލް ޓޫރިޒަމްގެ ފެށުމާއި އޭގެ ސަބަބުން މިހާރު އަންނަމުންދާ ބަދަލުތައް ވަނީ ހިމަނާފަ އެވެ.
ޑރ. ސިމާދް ވިދާޅުވި ގޮތުގައި މި ފޮތުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ ވީހާވެސް ރަނގަޅު މައުލޫމާތުތަކަށް ހެދުމަށް ފެށުނީއްސުރެ ޓޫރިޒަމްގައި އުޅުއްވި އެކި ބޭފުޅުންނާއި ބައްދަލުކޮށް، އެކަކު އަނެކަކުގެ ވާހަކަތައް އަޅާ ކިޔާ މައުލޫމާތުތައް ގެނެސްދެވެން ހުރި އެންމެ ފުރިހަމަ ގޮތުގައި ގެނެސްދީފައި ވާނެ ކަމަށެވެ. އަދި މި ފޮތުގައި ހިމަނާފައިވާ ފޮޓޯތަކަކީ މައުލޫމާތު ހޯދަން ބައްދަލުކުރި ފަރާތްތަކުން ހިއްސާކުރި ފޮޓޯތަކެއް ކަމަށް ވިދާޅުވި އެވެ.
ޑރ. ސިމާދު ވިދާޅުވި ގޮތުގައި ދިވެހިންނަށް އިނގެން ޖެހޭ ޝައުގުވެރި މުހިންމު ގިނަ މައުލޫމާތުތަކެއް މި ފޮތުގައި ވަނީ ހިމެނޭނެ އެވެ.
"އަޅުގަނޑު މި ފޮތް ލިޔުނު އިރު އެންމެ ބޮޑު ޝައުގުވެރިކަމެއް އުފެދުނީ ޓޫރިޒަމްގެ ކުރިން ދުނިޔޭގެ އެންމެ ފަގީރު 10 ގައުމުގެ ލިސްޓުގައި އޮތް ދިވެހިރާއްޖެ، އެ ލިސްޓުން ނަން އުނިވެ ދުނިޔޭގެ ލަގްޒަރީ ޑޭސްޓިނޭޝަނަކަށް ބަދަލުވެގެން ދިޔަ ގޮތް. ޓޫރިޒަމް ނެތް އިރު މުވާސަލާތް ކުރާނެ ގޮތެއް ނެތް. ޑޮލަރު އެކްސްޗޭންޖު ކުރުމަށް އެކްސްޗޭންޖު ރޭޓެއް ނެތް. ރިސޯޓުތައް ހަދަން ލޯނު ނަގަން ބެންކެން ނެތް. މި ހުރިހާ ވަސީލަތްތަކެއް ނެތި މި ދާއިރާ ފަށާ، އެ ހުރިހާކަމެއް ބަދަލުވި ގޮތަކީ ވަރަށް ޝައުގުވެރި ވާހަކަތަކެއް. އެ ވާހަކަތައް މި ފޮތުގައި ހުންނާނީ." ޑރ. ސިމާދު ވިދާޅުވި އެވެ.
މަޓީއިން ނެރެފައިވާ މި ދެ ފޮތަކީ ޓޫރިޒަމްގެ ތާރީހީ މައުލޫމާތުތަކުގެ އިތުރުން ދިވެހިންގެ މަޒީގެ މުހިންމު ތާރީހީ ގިނަ ވާހަކަތަކަކާއި މައުލޫމާތުތަކެއް ހިމެނޭ ދެ ފޮތެވެ. މި ދެ ފޮތް މަޓީގެ ވެބްސައިޓް މެދުވެރިކޮށް އޯޑަރު ކުރެވޭނެ އެވެ.
ނޯޓް: މިއީ މަޓީން ނެރުނު ދެ ފޮތުގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.